ނަމާދު ވަގުތުތަކަށް އިސްކަންދީ، ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު މަރުހަބާ ވިދާޅުވެ، އުފާފާޅުކުރަށްވައިފިއެވެ.

ޝައިޚް ޒައިދު މިކަމަށް ތާއީދުކުރަށްވައި ވާހަކަދެއްކެވީ، ރާއްޖޭގެ ކުޅިވަރު ކުޅޭ ބޮޑެތި މައިދާންތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ، ކޮންމެ ހޯމަ ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އޭނާގެ ދަރުސް އޮންނާތީ، އަމީނީ މަގުން ދާއިރު ސްޓޭޑިއަމް ސަރަހައްދުން ފެންނަ މަންޒަރުތަކާމެދު އަބަދުވެސް ހިތާމަކުރަށްވާ ކަމަށެވެ. ބައެއް ފަހަރު އިޝާ ބަންގި ގޮވާ ވަގުތާއި ބަންގި ނިމޭ ވަގުތު އެ ސަރަހައްދުން ދާއިރު، ބަންގިއާއި ނަމާދުގެ ހުރުމަތަށް ބެލުމެއް ނެތި ގިނަ ބަޔަކު ކުޅިވަރު ކުޅެން ތިބޭ މަންޒަރު ފެންނަކަމަށް ޒައިދު ފާހަގަކުރެއްވިއެވެ.

"ހިތަށް އެރި، މިކަން ބަދަލުވާނީ ކޮން އިރަކުންބާއޭވެ؟! މިއަދު މިއިވުނީ ނަމާދު ގަޑިތަކަށް ކުޅިވަރުތައް ހުއްޓާގޮތް ހަދަން އުޅޭ ވާހަކަ. ވ އުފާވެއްޖެ!" ޝައިޚް ޒައިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދިވެހިންނަކީ އިސްލާމްދީނުގެ ހަމަތަކާއި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލީ ގޮތުން ކަންކަން ބައްޓަންކުރަންޖެހޭ ބަޔަކަށް ވާއިރު، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް އެކަން ދައްކަންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ވެސް ނަމާދަށް އިސްކަންދީ، ފަރުވާތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭގެ ކުޅިވަރު އެކުވެނި އަދި މާފަންނު ސްޓޭޑިއަމް ފަދަ ބޮޑެތި ސަރަހައްދުތަކުގައި މިވަގުތު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމެއް ނެތް ކަމަށެވެ. އެހެންކަމުން، މިހާރު ސަރުކާރުން އަޅަމުންދާ އާ އިމާރާތްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދުކުރެވޭނެ ފެސިލިޓީތައް ހިމެނުމުގެ މަސައްކަތް މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު