ކަނޑައެޅިގެން ސިއްހަތަށް ގެއްލުންވާ އެއްޗެއް، އަދި އެއެއްޗަކާ ދުރުހެލިވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ އެއްޗެއް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ލަފާދީފާނެތޯ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސުވާލު އުފައްދަވައިފިއެވެ.

ޑރ. އިޔާޒް މިފަދައިން ސުވާލު އުފައްދަވައި ސަރުކާރަށް ފާޑުވިދާޅުވީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އަލުން އެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވުމާ ގުޅިގެން އެކްސްގައި ހިއްސާ

ކުރެއްވި ޕޯސްޓެއްގައެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޑަބްލިޔު.އެޗް.އޯގެ ލަފާގެ މަތިން، ސިނގިރޭޓުން ނަގާ ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މި ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން، 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އެޑްވަލޮރަމް ޓެކްސް 50 އިންސައްތައިން 100 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް، މި ޑިއުޓީ އަލުން ކުޑަކުރަން އުޅޭ މައްސަލާގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުންފަތާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް، ސިނގިރޭޓް ޑިއުޓީއަށް ބަދަލު ގެންނަން އުޅެނީ ކޮންމެހެން ކުރަންޖެހޭ "ޒަރޫރީ" ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިއުޓީއަށް ބަދަލު ގެނައުމާ މެދު ސަރުކާރުން ގޮތެއް ނިންމާނީ ހުރިހާ ކަމަކަށް ވަރަށް ފުންކޮށް ރިއާޔަތްކުރުމަށްފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު