ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްކަމުގެ މަގާމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހްމާން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ އާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. ހަލީލުއް ރަހްމާންގެ ރިޔާސަތުގައި އދގެ އާންމު މަޖިލީހަކީ ހުރިހާ މެންބަރު ގައުމުތަކަށްވެސް މުހިންމު އަދި އެދެވޭ ނަތީޖާތަކެއް ނެރެދޭނެ މަންސައަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ބޭފުޅަކު ބައިނަލްއަގުވާމީ މިފަދަ ޝަރަފުވެރި މަގާމަކަށް ހޮވިވަޑައިގަތުމަކީ ބަންގްލަދޭޝްގެ އިތުރުން މުޅި މި ސަރަހައްދަށްވެސް ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްވެސް ވަނީ ޑރ. ހަލީލުއް ރަހްމާނަށް ތަހުނިޔާ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ޑރ. ހަލީލުއް ރަހްމާނަކީ ބައިނަލްއަގުވާމީ މައިދާނުގައި ނުހަނު ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި، އޭނާގެ ލީޑާޝިޕްގެ ދަށުން އދގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ބައިނަލްއަގުވާމީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު