އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް
މިވަގުތު އެމްޑީޕީއަށް ބޭނުންވާ ޖޯޝާއި ފޯރި އަލުން ގެނެސްދިނުމުގައި ރައީސް މުހައްމަދު ނަޝީދުގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަރަދޫފޭދޫގައި ރޭ ބޭއްވި ރައީސް ނަޝީދުގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ރައީސް ނަޝީދު ޕާޓީގެ ތެރޭގައި ހުންނެވުމަކީ އެމްޑީޕީގެ ޖޯޝާއި ފޯރި ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު އެއް ބާރު ކަމަށެވެ. އަދި މި ހަގީގަތް ޕާޓީގެ ހުރިހާ މެންބަރުންވެސް ގަބޫލުކުރަންޖެހޭ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ޕާޓީގެ ތެރޭގައި ހުރި ބައިބައިވުންތަކަށް އަލިއަޅުވާލައްވަމުން ރޮޒައިނާ ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ ޕާޓީ އަލުން އިންތިޒާމްކޮށް ވަރުގަދަ ކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި މިއީ ޕާޓީ ދޫކޮށް ދިޔަ ފަރާތްތަކާ އަލުން ގުޅި، އެންމެން އެކަތިގަނޑަކަށްވެގެން ޕާޓީ ކުރިއަށް ގެންދަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަން މުހިއްމުކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، ޗެއާޕާސަން ކަމަށް ރައީސް ނަޝީދު އިންތިހާބުވެއްޖެނަމަ، ޕާޓީގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، އަމާޒަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.



ކިޔުންތެރިންގެ ހިޔާލު