އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތައް އަވަސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، ގަން އެއާޕޯޓަށް މިހާރު އޮޕަރޭޓްކުރާ ހަމައެކަނި ބައިނަލްއަގްވާމީ އެއާލައިންގެ ރާއްޖޭގެ މަންދޫބުގެ ހައިސިއްޔަތުންނާއި، ބައެއް ބިޒްނަސް ޖެޓް އޮޕަރޭޓަރުންގެ މަންދޫބެއްގެ ގޮތުން މަޖިލިސް

މެންބަރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އެއާޕޯޓުގެ މަސައްކަތްތައް އަވަސް މިނެއްގައި ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެންނެވުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރާގް ފާހަގަކުރެއްވި ގޮތުގައި، ދާދިފަހުން އޭނާ ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫގެ ފަތުރުވެރިކަމަށް އުންމީދީ މައުލޫމާތުތަކެއް ލިބިފައެވެ. އެގޮތުން 2027 ވަނަ އަހަރުގެ އޭޕްރީލް 7 އިން 9 އަށް އައްޑޫއަށް ކުރޫޒް ލައިނަރެއް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، 2028 ވަނަ އަހަރު ދުނިޔޭގެ މަޝްހޫރު ބޮޑު ކުރޫޒް ލައިނަރެއް އައްޑޫއަށް "ކޯލް" ކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

"މި ކުރޫޒް ލައިނަރާއެކު އަންނަ 1200 ފަތުރުވެރިންގެ ތެރެއިން 950 އަށް ވުރެ ގިނަ ފަސިންޖަރުންނާއި ކްރޫން ބަދަލުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނީ ގަން އެއާޕޯޓް މެދުވެރިކޮށް. މިއީ ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ދުވަހެއްގެ ތެރޭގައި 950 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ފަސިންޖަރުން ގަން އެއާޕޯޓް ބޭނުންކުރާނެ ފަހަރު،" ފިރާގް ވިދާޅުވިއެވެ.

މިފަދަ ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވުމަށްޓަކައި އެއާޕޯޓްގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުން ކޮންމެހެން ބޭނުންތެރިކަން ފާހަގަކުރައްވަމުން ފިރާގް ވިދާޅުވީ، ސަރުކާރުން ދެއްވާ ޓެކްސް ލުއިތަކާއެކު، އިތުރުވަމުން އަންނަ ޓްރެފިކަށް ޖާގަ ދިނުމާއި އޮޕަރޭޝަނަލް އެފިޝަންސީ ރަނގަޅުކުރުމަކީ އައްޑޫއާއި ދެކުނުގެ އިގްތިސާދަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.

ފިރާގް އިތުރަށް ވިދާޅުވީ، އެއާޕޯޓުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކޮށް، އޮޕަރޭޝަނަލް ރިކުއަރމަންޓްތަކާ ބެހޭގޮތުން މަޝްވަރާކޮށް، މަސައްކަތްތައް އަވަސްކުރެވޭނެ ގޮތްތައް ދެނެގަތުމަށް ކެތްމަދުވެފައި ހުންނެވި ކަމަށެވެ. އަދި މި އަޕްގްރޭޑްތައް ކާމިޔާބުކަމާއެކު ނިމުމަކީ މުޅި ރާއްޖެއަށް، ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ދިގުމުއްދަތުގެ ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު