މެޑަމް ފަޒްނާ އާއި، ރޮޒައިނާ އާދަމް
މެޑަމް ފަޒްނާ އާއި، ރޮޒައިނާ އާދަމް
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ރައީސް ނަޝީދަށް ތާޢީދު ކުރަށްވައި، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖަކާއި ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހިތްހަމަ ނުޖެހުން ފާޅު ކުރަށްވައިފިއެވެ.

ރޮޒައިނާ ފޭސްބުކްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރިމަތިލެއްވި ދުވަހު އެމަނިކުފާނަށް ވޯޓު ދެއްވަން ނިންމެވީ ޕާޓީ އެއްކުރައްވަން ނުކުންނެވުމުން ކަމަށެވެ. އަދި ސިޔާސީ މީހުންނަކީ ޒާތީ ރުޅިވެރިކަމުގައި އުމުރަށް އުޅެންޖެހޭ ބައެއް ނޫން ކަމަށާއި، ހާލަތު ބަދަލުވުމުން ދައްކާ ވާހަކަވެސް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.ޑީ.ޕީ އަށް ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުކަން ފާހަގަ ކުރަށްވަމުން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީއަށް އުޖާލާ މުސްތަޤުބަލެއް ބިނާކުރެވޭނީ އެންމެހާ ފަރާތްތައް ގުޅިގެން، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"ރޫޅަން އުޅުނީމަ އެކަކަށްވެސް ލިބުނު މޮޅެއް ނެތް. ދެން އެކަން ހިތުން ނުފިލައިގެން ހުއްޓިފަ ތިބެގެންވެސް ވާން އޮތް މޮޅެއް ނެތް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ މި ވާހަކަތަކާ ގުޅިގެން ފަޒްނާ ވިދާޅުވީ، ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ނުކުމެވަޑައިގަތީ ޕާޓީ އެއްކުރަން ކަމަށް ނުފެންނަ ކަމަށާއި، ރައީސް ނަޝީދު މިހާރުވެސް ހުންނެވީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށެވެ.

"ރައީސް ނަޝީދު ޗެއާޕާސަންކަމަށް ނުކުމެވަޑައިގަތީ ބޮޑުބަދަލުގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދޭގޮތަށް ދެއްތޯއެވެ؟ މިހާހިސާބުން ވެސް އެ އޮތީ އެކުވެރި ކުރުވުމުގެ މަގަށް ހުރަސްއެޅިފައެވެ." ފަޒްނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާއެކު މަސައްކަތްކުރަން ޖެހޭ މަގާމަކަށް ވަކި އަތަކަށް ޖެހިގެން ހުރި މީހަކު އައިސްގެން ޕާޓީގެ އެކުވެރިކަން ނުދެމެހެއްޓޭނެކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ފަޒްނާ ތާޢީދު ކުރަށްވަނީ މީކާއީލަށް ކަމަށާއި، އެއީ "ޕްރިންސިޕަލް ސެންޓާރޑް ލީޑަޝިޕަކަށް ވަކާލާތު ކުރައްވާތީ" ކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ.

"ބަޔަކު އެކުވެރިކުރުމަށް ބޭނުންވާ މައިގަޑު އެއް އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުމެވެ. ވަކިމީހަކު ގޮވައިގެން ނުކުމެ އިންސާފުވެރިކަމާއެކު ޗެއަރޕާސަންކަން ކުރަށްވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ." ފަޒްނާ ވިދާޅުވެފައިވެއެވެ.

ފަޒްނާއަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވަނީ، ފައްޔާޒް ޗެއަރޕާސަނަކަށް ހުންނެވީ ރައީސް ޞާލިޙަށް ތާޢީދު ކުރަށްވައިގެންކަން ހަނދާން ކޮށްދެއްވާފައެވެ. އަދި ރައީސް ނަޝީދު ޕާޓީގެ ޗެއަރޕާސަން ކަމަށް ގެނައުމަށް އޭނާ ތާޢީދު ކުރަށްވާ ކަމަށާއި، ބޮޑުވަޒީރު ކަމާއި ރައީސް ކަމަކީ ރައްޔިތުންދޭ އެއްޗެއް ކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ. އަދި އެއީ ވަކި މީހަކަށް އަނެއް މީހާއަށް ދެވޭ ގޮތަށް އޮންނަ ކަމެއް ނޫންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.



އޭގެ އިތުރުން ޒުވާނުން މަޤާމުތަކަށް އައުމަށް ތާޢީދު ކުރަށްވާ ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީގައިވެސް ރައީސްކަން ކުރުމަށް އުމުރެއް ކަނޑައަޅާފައިވާކަން ރޮޒައިނާ ވަނީ ފާހަގަ ކުރަށްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މިއިންތިޚާބު އޮންނާނީ މިމަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު