އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް
ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ހޯދާ ފައިސާއިން ގައުމެއް ނުހިންގޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަށް ފާޑުވިދާޅުވަމުން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރެއްވި ގޮތާ ހިލާފަށް، ކަންކަން ގޯސްވަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ.

ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި ސަލީމް ވިދާޅުވީ، ވެރިކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށާއި، ރައްޔިތުން އެފަދަ ކަންކަން ބަލަން މަޑުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އިންތިޚާބުތަކުން އެމްޑީޕީއަށް ލިބެމުންދާ ކާމިޔާބީތަކަކީ ސަރުކާރުގެ ނާކާމިޔާބީގެ ހެއްކެއް ކަމަށެވެ. އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ހުރިހާ އިންތިޚާބެއް އެމްޑީޕީން ކާމިޔާބު ކުރަމުން ދިއުމަކީ ރައީސްގެ ވާހަކަތަކާއި ހަގީގަތާ ދިމާނުވާކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މިހާރުގެ ހިންގުމަށް ތައުރީފު ކުރައްވަމުން ސަލީމް ވިދާޅުވީ، ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ ބެއްލެވުމުގެ ދަށުން ޕާޓީ ވަރަށް ވަރުގަދަވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ބައެއް ގޮނޑިތައް ހުސްވުން އެކަށީގެންވާ ކަމަށާއި، އެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު