މިފްކޯ މަސް ފިހާރަ-
މިފްކޯ މަސް ފިހާރަ-
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު އަނެއްކާވެސް މަތިކޮށް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް މިއަދު ބަދަލުކޮށްފިއެވެ.

މަސް ކިލޯއެއްގެ އަގު 18 ރުފިޔާ 50 ލާރިއަށް ބޮޑުކުރިތާ 48 ގަޑިއިރުވެސް ނުވަނީސް ގެނައި ބަދަލެކެވެ.

މިފްކޯއިން ކޮންމެ ދުވަހަކު އާންމުކުރާ މަސް ގަންނަ އަގުތަކުގެ ތަފުސީލަށް ބަލާއިރު، މީގެ ދެ ދުވަސް ކުރިން އެ ކުންފުނީގެ ހުރިހާ ބަނދަރަކުންވެސް ކަޅުބިލަމަސް ގަންނަމުންދިޔައީ ކިލޯއެއް 18 ރުފިޔާ 50 ލާރިއަށެވެ. ނަމަވެސް މިއަދުން ފެށިގެން މި އަގު ވަނީ 20 ރުފިޔާއަށް އުފުލިފައެވެ.

މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަކަށް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މިފްކޯއިން ބުނާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި މަސް ލިބޭ މިންވަރަށް ބަލައި ކޮންމެ ދުވަހަކުވެސް އަގުތަކަށް ބަދަލު ގެނެއެވެ. އެހެންނަމަވެސް، މަސްވެރިންނަށް ލިބޭ އަގު ހިފެހެއްޓުމުގެ ގޮތުން މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި އެ ކުންފުނީގެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މަސްވެރިކަން އާދަޔާ ހިލާފަށް ދަށް ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ. ކަޅުބިލަމަހުގެ އަގަށް ބަދަލު އައި ނަމަވެސް، ކަންނެލި ގަންނަ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަސްވެރިކަން ދަށްވުމުގެ ސަބަބުން މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 41 މިލިއަން ރުފިޔާއަށްވުރެ ބޮޑުތަނުން މަދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް