ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތް
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގ އާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ދީފައިނުވާތީ އެ ފޯނު ތަހުގީގު ކުރެވިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ 2026 ޖޫން 9 ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، މުޅި ތަހުގީގުގެ މަރުހަލާގައާއި ޝަރުއީ މަރުހަލާގައިވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ޝަމްޢާން އެއްބާރުލުން ދީފައިނުވާ ކަމަށެވެ. ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް އޭނާ މީޑިއާގައި ބުނި ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ނުވަތަ ބަންދުން ދޫކޮށްލި ފަހުންވެސް ރަސްމީ އިދާރާއަކަށް ހިއްސާކޮށްފައި ނުވާކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލައި ފުލުހުން ބުނެފައިވަނީ، ޝަމްޢާން އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދާފައިވާކަން ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށެވެ. އެގޮތުން 2025 މާރިޗު 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިފެހެއްޓި ބިދޭސީއަކު ދޫކޮށްލުމަށް، 500,000 (ފަސްލައްކަ) ރުފިޔާގެ ރިޝްވަތު ނަގާފައިވާކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.

ފުލުހުން ބުނީ ތަހުގީގުން ހޯދާފައިވާ ހެކިތަކަށް ބަލާއިރު، ފައިސާ ހުރި ކޮތަޅެއް ހިފައިގެން އިމިގްރޭޝަންގެ ދެ މުވައްޒަފަކު ދަންވަރު 3:00 އެހައިކަންހާއިރު ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ، ތިން މިނެޓް ފަހުން ނުކުތްއިރު އަތުގައި ކޮތަޅު ނެތްކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް ޖުމްލަ 259.837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، މިއީ ވަކި ނަތީޖާއެއް ނެރުމަށް ސިޔާސީ ނުފޫޒުން ހިންގާފައިވާ ތަހުގީގެއް ކަމަށް ކުރާ ތުހުމަތުތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ހުކުމް އިއްވާފައިވާތީ، ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އޮތް ހައްލަކީ އިސްތިއުނާފު ކުރުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް، މިނިވަންކަމާއެކު ކުރިއަށް ގެންގޮސްފައިވާ ތަހުގީގެއްކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. ނަމަވެސް ޝަމްޢާން ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ އޭނާ ފްރޭމް ކުރުމަށްފަހު އުފުލާފައިވާ ދަޢުވާތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު