އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
މިއަދު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއާއެކު، އެ ޕާޓީގެ ސަފުތައް އަލުން ރުކުރުވާލައި، މިހާރު އޮތް ސަރުކާރު ބަލިކުރުމަށްފަހު ރައްޔިތުން އެދޭފަދަ އެމްޑީޕީގެ ވެރިކަމެއް އިއާދަކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ޖެހިއްޖެ ކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުޙަބާ ދަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަހުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށެވެ. އަދި މި އިންތިޚާބުގައި ޕާޓީގެ ޑިމޮކްރަސީގެ ރޫޙު ދައްކުވައިދިން ހުރިހާ މެމްބަރުންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު މެންދުރުފަހު 2:30 އިން ފެށިގެން ކުރިއަށްދިޔަ މި ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންގޮސްދެއްވި އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ވޮލަންޓިއަރުންގެ ބުރަ މަސައްކަތްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމާއި، އިބްރާހިމް މުޙައްމަދު (ވާޑު) ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ތައުރީފު ކުރައްވަމުން، ރައީސް ޝާހިދު ވިދާޅުވީ މިވަގުތަކީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ. އެމަނިކުފާނު ގޮވާލެއްވީ ޕާޓީގެ ސަފުތައް ބަދަހިކޮށް، ރައީސް މުއިއްޒުގެ ސަރުކާރު ބަލިކޮށް، ދިވެހި ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް އަލުން ހޯދައިދިނުމުގެ އަމާޒަށް ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރުމަށެވެ.

މިހާތަނަށް ގުނާފައިވާ ގިނަ ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން، ރައީސް ނަޝީދު އުޅުއްވަނީ ވާދަވެރި ކެންޑިޑޭޓުންނަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ކުރީގައެވެ. ނަތީޖާއިން ބޮޑު ކުރިއެރުމެއް ލިބެމުންދާތީ، ރައީސް ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕެއިން ޓީމުން މިހާރު ވަނީ ރަސްމީކޮށް އިންތިޚާބު ކާމިޔާބު ކުރެއްވިކަން އިއުލާނުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު