ރައީސް މުއިއްޒު
ރައީސް މުއިއްޒު
ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަސް (ވޯލްޑް ބްލަޑް ޑޯނާ ޑޭ) ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، އަމިއްލަ އިޚްތިޔާރުގައި ލޭ ހަދިޔާކުރާ ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެސެޖެއް ދެއްވައިފިއެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތިކަމަކީ އެތައް ފުރާނައެއް ސަލާމަތްކުރުމަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށެވެ.

އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށާއި ކުއްލި ފަރުވާ ބޭނުންވާ މީހުންނަށް، އެންމެ ބޭނުންވާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމުގައި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހިއްސާ ބޮޑުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކާއެކު ވެސް، ލެއަކީ ބަދަލުކުރެވޭނެ އެހެން ވަސީލަތެއް ނެތް މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ގައުމީ ފެންވަރުގައި ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުން މުހިންމު ކަމަށެވެ.

ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ރަށްތައް ވަކިން އޮންނަ ގައުމެއްގައި، ކުއްލި ހާލަތްތަކުގައި ލޭ ލިބުމުގެ ފަސޭހަ އިންތިޒާމްތަކެއް ހުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލޭ ހަދިޔާކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދީ، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެންމެންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އެކަކު އަނެކަކަށް އެހީތެރިވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު