ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރާއްޖޭގެ ޖަލުތަކުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާތީ، އެކަމާ ގުޅޭގޮތުން ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހުން އެދިވަޑައިގެންފިއެވެ.

މިކަމާ ގުޅިގެން ރައީސަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވަނީ ޖަލުތަކުގެ ހާލަތާމެދު އާންމުންގެ މެދުގައި އޮތް ބޮޑެތި ކަންބޮޑުވުންތައް ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ.

ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް ގައިދީން ބަންދުކޮށްފައި ތިބުމުގެ މައްސަލައެވެ. މިއީ ނުރައްކާތެރި ކުށްވެރިންނާއި ކުދި ކުށްތަކުގައި ބަންދުކުރެވޭ މީހުން އެއްތަނެއްގައި ބައިތިއްބަން ޖެހުމުގެ ސަބަބުން އުފެދޭ ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި، ޓީބީ ފަދަ ގައިންގަޔަށް އަރާ ބަލިތައް ޖެހިފައިވާ މީހުން ވަކިކުރެވޭނެ އިންތިޒާމެއް ނެތުމަކީ ބަލިމަޑުކަން ފެތުރުމުގެ ބިރު ބޮޑުވެފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެއިތުރުން ގައިދީންނަށް އުސޫލަކާ ނުލައި ބާރުގަދަ ނަފުސާނީ ބޭސްތައް ދިނުމާއި، އަންހެން ގައިދީންނަށް ބޭނުންވާ ސެނިޓަރީ ޕެޑް ފަދަ އަސާސީ ތަކެތި ހޯދުމުގައި ދަތިތައް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖަލުތަކުގެ ޖުމްލަ އުމްރާނީ އަދި އެތެރޭގެ ހާލަތަށް އަލިއަޅުވާލައްވަމުން ކުޑޫ ވިދާޅުވީ ގޮޅިތަކުގެ ވެންޓިލޭޝަން ދަށްވެ ހޫނުގަދަވުމާއި، ފާހާނާތައް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާތެރި މާހައުލެއް އުފެދިފައިވާ ކަމަށެވެ.

އަދި ޖަލުން ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ދަށްވެ ސާފުތާހިރުކަން ކުޑަވުމުގެ ޝަކުވާތައް ވެސް އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ދިގު މުއްދަތަކަށް ގައިދީން ބައިތިއްބުމުގެ ސަބަބުން އެ މީހުންނަށާއި އާއިލާތަކަށް ކުރިމަތިވާ ނަފުސާނީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ވެސް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

މި ކަންކަމަށް ހައްލު ހޯދުމަށްޓަކައި ކަރެކްޝަންސްގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމުގެ އިތުރުން، މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ މެންބަރުން އަމަލީ ގޮތުން ޖަލުތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ހަގީގީ ހާލަތު ބައްލަވައި ދެއްވުމަށް ވެސް ކުޑޫގެ ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް