މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިގެ ފަރާތުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ގައުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ މަގުސަދުގައި އެ އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ސްކޮލަރޝިޕްތައް ހާއްސަކޮށްފައިވަނީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކުގައެވެ. އެގޮތުން ބެޗްލަރ އޮފް އެކައުންޓިންގ ކޯސް ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މާސްޓަރ އޮފް ލޯސް އާއި މާސްޓަރ އޮފް އިކޮނޮމިކްސްގެ ދާއިރާއިން އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެންމެ މަތީ ފަންތީގެ ތައުލީމަށް އަމާޒުކޮށްގެން އިންސީފް ޔުނިވަރސިޓީގައި ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތު ވެސް އެމްއެމްއޭއިން ވަނީ ހުޅުވާލާފައެވެ. މި ދާއިރާގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ އެކި ގޮފިތަކާއި، އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ދިރާސާކުރުމުގެ ފުރުސަތުތައް ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ މާލީ އެހީތެރިކަމެއް އެމްއެމްއޭއިން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތަކުގެ އިތުރުން، ކިޔަވަން ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ފޮތް ގަތުމަށް ދޭ އެލަވަންސް ހިމެނެއެވެ. އަދި ދަތުރުފަތުރުގެ ޚަރަދާއި، ވިސާ އަދި ހެލްތު އިންޝުއަރެންސް ފަދަ ހުރިހާ ކަމެއްވެސް ހަމަޖައްސައިދޭނީ އެ އޮތޯރިޓީންނެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުން، ކޯސް ފުރިހަމަކުރުމަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް އިގުރާރުވާންޖެހޭނެއެވެ. މިއީ ކިޔަވައިގެން އަންނަ ފަރާތްތަކުގެ އިލްމާއި ތަޖުރިބާގެ ފައިދާ ގައުމަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ކުރެވޭ ކަމެކެވެ.

މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖޫން ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް