ހައުސިން މިނިސްޓަރ
ހައުސިން މިނިސްޓަރ
ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލައިގައި ސުވާލުކުރުމަށް، ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެންބަރު ހުށަހެޅުއްވި ނޯޓިސްގައި ވަނީ، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ހުއްޓިފައިވާތީ، އެކަމުގެ ތަފްސީލީ މައުލޫމާތު ހޯދުމަށް އެދިވަޑައިގެންފައެވެ.

މެންބަރުގެ ސުވާލުތަކުގެ ތެރޭގައި، މިވަގުތު މަސައްކަތް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައި ކަމާއި، އެ މަޝްރޫއުތައް އަލުން ފެށޭނެ ތާރީހެއް އޮޅުންފިލުވުން ހިމެނެއެވެ. މީގެ އިތުރުން، އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ތާރީހުތަކުގެ ތަފްސީލު ދެއްވުމަށްވެސް މިނިސްޓަރުގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ އިތުރުން، މަގު ހެދުމާއި ސަރުކާރުގެ އެކި އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައިވާތީ ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ނަމަވެސް، ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ލަސްވަނީ އިދިކޮޅު މެންބަރުން ތިއްބަވާ ބައެއް ރަށު ކައުންސިލްތަކުން ބޭނުންވާ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު