ރައީސް ޔާމީން
ރައީސް ޔާމީން
މިހާރު ރާއްޖޭގެ އިގުތިސޯދު އޮތް ހާލަތަށް ބަލާއިރު، މި އަހަރު ނިމުމުގެ ކުރިން ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިވަގުތު ބާޒާރުގައި ޑޮލަރުގެ އަގު 20.50 ރުފިޔާގައި ހުރިއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ. ޑޮލަރުގެ އަގު މިހާރު މިހާ މަތީގައި ހިފެހެއްޓިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.

ޕީއެންއެފްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ތަކެތީގެ އަގުތައް ބޮޑުނުވާނެ ކަމަށް ސަރުކާރުން ބުނަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރާއްޖެއަކީ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، ޑޮލަރުގެ އަގު މަތިވުމުން ތަކެތީގެ އަގުތައް ބޮޑުނުވެ ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޑޮލަރުގެ އަގު ދިވެހި ރުފިޔާއާ އަޅާބަލާއިރު މިހާ ބޮޑުވުމުން އޭގެ އަސަރު އާންމު ރައްޔިތުންނަށް ކުރާނެ އެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގައި ސަރުކާރުން ހިންގާ އެއްވެސް ބޮޑު މަޝްރޫއެއް ނެތް ކަމަށާއި ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

މިހާރު ލިބޭ ޑޮލަރުގެ އާމްދަނީ ސަރުކާރުން ހޭދަކުރަނީ ހަމައެކަނި ދަރަނި ދެއްކުން ފަދަ ޒަރޫރީ ކަންކަމަށް ކަމަށާއި، ގައުމުގެ އިގުތިސޯދު ކުރިއެރުވުމަށް އެއްވެސް އަމާޒެއް ނުވަތަ 'ވިޝަން'އެއް ސަރުކާރުގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް 95 ޕަސެންޓް ބޭރު ފައިސާ ބޭނުންވާއިރު، މިހާރު ހިނގަމުންދާ ގޮތުން އިގުތިސޯދީ ގޮންޖެހުންތައް އިތުރުވެގެން ދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު