މި އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭ އެހީގެ އަދަދަށްވުރެ އިތުރަށް، މިހާތަނަށް ދައުލަތަށް ހިލޭ އެހީ ލިބިފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 373.6 މިލިއަން ރުފިޔާއެވެ. ނަމަވެސް، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 393.6 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައެވެ. މިއީ އަންދާޒާކުރި އަދަދަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 128.7 މިލިއަން ރުފިޔާއެވެ.

ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީއާއި، ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީ ހިމެނޭހެން މި އަހަރު ޖުމްލަ 40.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި މަހުގެ 4 އާ ހަމައަށް 19 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. ޖުމްލަ އާމްދަނީގެ 78 އިންސައްތަ ޓެކްސް އިން ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 13.2 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 14.8 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބިފައެވެ. މިއީ 12.4 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، އާމްދަނީއަށް އައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.



ކިޔުންތެރިންގެ ހިޔާލު