އެމްޑީޕީގެ ރައީސް
އެމްޑީޕީގެ ރައީސް
ވަޒީފާގެ ބިރުވެރިކަން ފެތުރުމަކީ ރައްޔިތުންގެ ތާއީދު ހޯދޭނެ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ސިޔާސީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމަކީ މާޒީގައިވެސް ނާކާމިޔާބުވެފައިވާ ކަންކަން ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝާހިދު ވިދާޅުވީ، ކޮންމެ މުއައްޒަފަކީވެސް އޭނާއާ ގުޅިފައިވާ އާއިލާއެއް އޮންނާނެ މީހެއްކަން ސަރުކާރުގެ އިސްވެރިން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެ އާއިލާތަކަށް ކުރިމަތިވާނެ ދަތިތަކުގެ ފުރިހަމަ މަސްއޫލިއްޔަތު މިހާރުގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނެ،" ޝާހިދުގެ ޕޯސްޓުގައި ވެއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ސިޔާސީ ނުފޫޒު ފޯރުވުމަށްޓަކައި ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ރައްޔިތުންގެ ލޯބި ލިބޭނެ ކަމެއް ނޫން ކަމަށާއި، އެއީ މާޒީގައި ކަން ހިނގާފައިވާ ގޮތުންވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަމުންދިޔަ ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުންގެ ވަޒީފާތައް ގެއްލިފައިވާކަމުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު