އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އައްޑޫ ބަހުރުވައިން ކުރި ސުވާލަކަށް ސިއްހަތާ ބެހޭ ވަޒީރު ދެއްވި ޖަވާބާ ގުޅިގެން، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ވަޒީރަށް ފާޑުވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރުގެ ނުރުހުން އަމާޒުވީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ސާދިގު (ސޯބެ) ކުރެއްވި ސުވާލެއް، އައްޑޫ ބަހުރުވައިން ހުރުމުގެ ސަބަބުން ސާފުނުވާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަށެވެ. މޭޔަރު ވިދާޅުވި ގޮތުގައި، މެމްބަރު ސާދިގު ކުރެއްވި ސުވާލަކީ އެއްވެސް މީހަކަށް އޮޅުންއަރާ ފަދަ ނުވަތަ ފަހުމުނުވާ ވަރުގެ ބަހުރުވައެއް އޭގައި އެކުލެވޭ ސުވާލެއް ނޫނެވެ.

މިކަމާ ގުޅޭގޮތުން މޭޔަރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވިއިރު ވަޒީރުގެ ފަރާތުން ފެނިގެންދިޔައީ ކިބުރުވެރިކަމާއި ބޮޑާކަން ކަމަށެވެ. އަދި ބަހުރުވަ އޮޅޭ ކަމަށް ބުނެ ސުވާލު ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ އިޝާރާތް ކުރެއްވިއެވެ.

މީގެއިތުރުން މޭޔަރު ވަނީ މުޖުތަމައުގައި އަދިވެސް އަށަގަނެފައިވާ ބައެއް ނޭދެވޭ ވިސްނުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މާލެއަށް އުފަންވުމަކީ ނުވަތަ މާލޭ ބަހުރުވައިން ވާހަކަދެއްކުމަކީ މަތީ ދަރަޖައެއް ކަމަށް ދެކޭ ބަޔަކު އަދިވެސް އުޅޭކަމީ ހިތާމަވެރި ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު