ހުޅުމާލެ ޕްލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓް
ހުޅުމާލެ ޕްލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުލުހުންނާ ގުޅިގެން ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ކަރެކްޝަންސް ސާވިސް އިން ބުނީ، މި އޮޕަރޭޝަނަކީ ޖަލުތަކުގެ ތެރޭގައި ހިންގާ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމާއި، ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު މާފުށީ ޖަލުގައި ވެސް ފުލުހުންނާ ގުޅިގެން މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ފަހުގައެވެ. ހުޅުމާލެ ޖަލުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖަލުތައް ފާސްކުރުމުގެ މަސައްކަތް ކަރެކްޝަނާއި ފުލުހުން ކުރަމުންދާއިރު، ޖަލުތަކަށް މަނާ ތަކެތި ވެއްދުމާއި، ޖަލުތަކުގެ ތެރެއިން ސްކޭމް ކުރުމުގެ މައްސަލަތަކާއި، އަދި ޓެރެރިޒަމަށް މަގުފަހިވާފަދަ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކީ ޖަލުތަކުގެ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ކަމާބެހޭ އިދާރާތަކުން މީގެކުރިން ހާމަކޮށްފައިވެއެވެ.



މީގެ ކުރިންވެސް މިފަދަ އަމަލުތައް ހުއްޓުވުމަށް އެކި ފަހަރުމަތިން ޖަލުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު ބޭނުމަކީ ޖަލުގެ ތެރޭގައި ހަރަކާތްތެރިވާ ކުށްވެރިންނަށް މުވާސަލާތީ ވަސީލަތްތަކާއި އެނޫންވެސް މަނާ ތަކެތި ލިބުން ހުއްޓުވައި، ޖަލުގެ ނިޒާމު ހަރުދަނާކުރުމެވެ.

މިސަރުކާރުން ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޖަލުތަކުގެ ޖާގަ އިތުރުކުރުމާއި ސަލާމަތީ ވަސީލަތްތައް ޒަމާނީ ކުރުމުގެ މަޝްރޫއުތައް އަންނަނީ ތަންފީޒު ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓައި އޭގެ ޚިދުމަތްތައް ވަނީ ފަށާފައެވެ.

ހަމައެއާއެކު ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ ގޮތުން، ހުޅުމާލެ ޕްލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން މިހާރުވަނީ އެ ޔުނިޓަށް ބަދަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު