ރާއްޖޭގެ މަތީ ތައުލީމީ ނިޒާމުގެ ތެރޭގައި ފޭކު ސެޓުފިކެޓުތަކާއި ފެންވަރުދަށް ސަނަދުތައް އިތުރުވަމުންދާ މައްސަލައިގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް އެ އިދާރާގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މިކަމަށް އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރަކަށް އައިސް ރާއްޖޭގައި ސަނަދުތައް ދޫކުރަމުންދަނީ އެއާ އެކަށީގެންވާ ފެންވަރުގެ ތައުލީމާއި ހުނަރު އުނގަންނައިނުދީ، ހަމައެކަނި ކަރުދާސްކޮޅެއްގެ ގޮތުގައެވެ. މީގެ ސަބަބުން ކިޔަވައިދޭ މާއްދާތައް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތުމާއި، ސަނަދު އޮތް ނަމަވެސް އަމަލީ މަސައްކަތުގެ މައިދާނުގައި މުވައްޒަފުންގެ ކިބައިގައި އެއްވެސް ގާބިލުކަމެއް ނެތުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން، މިފަދަ އަގެއް ނެތް ސަނަދުތައް ހޯދުމަށް ދަރިވަރުން ބުރަ މަސައްކަތުން ހޯދާ ފައިސާ ބޮޑެތި ޚަރަދުތަކެއްގެ ގޮތުގައި ކުރަންޖެހުމަކީ މާލީ ގޮތުން ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި މެންބަރު ސިފަކުރެއްވިއެވެ. މިކަމުގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރަމުންދާއިރު، ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު

ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު ގެއްލި، ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ އަގުވެއްޓި ބޭރު ގައުމުތަކުން ދިވެހި ސަނަދުތައް ބަލައިނުގަންނަ ހާލަތަކަށް ގައުމުގެ ހާލަތު ގޮސްދާނެ ކަމުގެ ބިރު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު މުޙައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ޚިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމުގައި އެމްކިއުއޭގެ ދައުރަކީ ކޮބައިތޯ ބެލުމަށާއި، އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ އޮތޯރިޓީއަށް ހުރި ދަތިތައް ދެނެގަތުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ ތަނުގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދަރިވަރުންނާއި، މަޖިލީހާއި، އެމްކިއުއޭ ގުޅިގެން ކުރެވިދާނެ ކަންކަންވެސް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު