ދިބެލި ފިލްމް "ގިލަން" ގެ ޕޯސްޓަރ
ދިބެލި ފިލްމް "ގިލަން" ގެ ޕޯސްޓަރ
ދިވެހި ފިލްމީ ދާއިރާގައި ނުފޫޒުގަދަ އަދި އެހާމެ ތަޖުރިބާކާރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)، އޭނާގެ 50 ވަނަ ފިލްމު "ގިލަން" އާއެކު ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މިއީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި މަދު ޑައިރެކްޓަރަކަށް ނޫނީ ހާސިލުނުކުރެވޭ ފަދަ މުހިންމު ލަނޑުދަނޑިއެކެވެ.

ފާއިތުވި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތެރޭގައި އަމްޖަދު ވަނީ ތަފާތު އެކި ރަހަތަކުގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައެވެ. ދިވެހި ފިލްމީ ދާއިރާ ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަމްޖަދު ވަނީ އޭނާގެ މަސައްކަތްތަކުގެ ތެރެއިން ދާއިރާއަށް ގިނަ ފަންނާނުންތަކެއް އުފައްދައި، އެތައް ޖީލެއްގެ ބެލުންތެރިންނަށް މުނިފޫހިފިލުވައިދީފައެވެ. "ގިލަން" އަކީ އޭނާ ދިވެހި ސިނަމާއަށް ކުރަމުންދާ މިންނެތް މަސައްކަތާއި އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ފިލްމެކެވެ.

މަޝްހޫރު ލިޔުންތެރިޔާ މުޙައްމަދު ޤާސިމްގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ފާޠިމަތު އަޒްލިފާ، އަޙްމަދު ސަޢީދު އަދި ދާރާ ރަޝީދު ފަދަ ފަންނާނުންނެވެ. ފިލްމުގެ ސިނެމަޓޯގްރަފީގެ މަސައްކަތް ކޮށްފައިވަނީ ކާމިޔާބު ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) އެވެ.

އޮލިމްޕަސް ސިނަމާގައި މި ފިލްމު ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2026 ގައެވެ. ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު، އިތުރު މަޢުލޫމާތު ސާފުކުރުމަށް 7743399 އަށް ގުޅުމަށް ފިލްމުގެ ޓީމުން އެދެއެވެ.

ފިލްމީ ދާއިރާގެ ގިނަ ބޭފުޅުންނާއި އަމްޖަދުގެ ސަޕޯޓަރުން އަންނަނީ އޭނާ ހާސިލުކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށް މަރުޙަބާ ކިޔަމުންނެވެ. ގިނަ ބަޔަކު އުންމީދު ކުރާ ގޮތުގައި "ގިލަން" ވެގެންދާނީ ދިވެހި ފިލްމީ ތާރީޚުގައި އަމްޖަދު އިބްރާހީމްގެ ނަން ރަން އަކުރުން ފަވާލަދޭނެ ފަދަ ފުރިހަމަ އުފެއްދުމަކަށެވެ.



ކިޔުންތެރިންގެ ހިޔާލު