ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ ތޯރިގު އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު، ރާއްޖެއިން ބޭރުގެ ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިގޮތުން، ތޯރިގު އިބްރާހިމް އައްޔަންކުރައްވާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ. ތޯރިގަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ މިނިސްޓަރުގެ މަގާމުގެ އިތުރުން، މީގެ ކުރިން ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ދިވެހިރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ މި ސަރުކާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރުކަމުގެ މަގާމުގައެވެ.

މި ދެ ބޭފުޅުން ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަވަން ބޭނުންފުޅުވި އިދާރީ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ކުރިން މި ދެ ބޭފުޅުން ތިއްބެވީ ހާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު