ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ވަޒީރު ޢަލީ އިޙްސާން
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްވެ، އަލުން މުޖުތަމަޢަށް ނުކުންނައިރު އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމަޢުގެ ހަވާސާގައި ދިމާވާ މައްސަލަތަކީ އެ ވަބާއަށް ވުރެ ބޮޑު މައްސަލައެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި 300 އަށް ވުރެ ގިނަ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރިހިބިލިޓޭޓް ވެގެން އަންނަ މީހާ މުޖުތަމަޢުގެ ތެރޭގައި އަލުން އަހުލުވެރިވެ، ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ފުރިހަމައަށް ހޯދައިދިނުން ކަމަށެވެ. އަދި ސަރުކާރުގެ ޑްރަގް ސިޔާސަތުގެ ތެރޭގައި މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ނ. ވެލިދޫގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކާށިދޫ އަދި ލ. ގަމުގައި ގާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްތައްވެސް ނިންމައި ޚިދުމަތަށް ތައްޔާރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާއި، އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާ މެދު މުޖުތަމަޢު ދެކޭ ދެކުން ބަދަލުވާން ޖެހޭކަން ވަނީ ހަނދާންކޮށް ދެއްވާފައެވެ. ވަކިން ޚާއްސަކޮށް، ފަރުވާ ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ މީހުންނަށް ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދިނުމުގައި ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ އުފައްދާ މީހުންގެ އިތުރުން ކޮންމެ ފަރުދެއްގެ ޒިންމާވެސް މިކަމުގައި ނުހަނު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކޮށް، އަލުން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރި 300 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ފަރުވާގެ މަރުހަލާތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު