ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އިދިކޮޅު އެމްޑީޕީން ރާއްޖޭގެ އިގުތިސާދީ އަދި ސިޔާސީ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ "ބޮޑު ބަދަލަކީ" އާރުލާ ކަންތައްތަކެއް ކަމަށާއި، ސަރުކާރު ހިންގާ ޕީއެންސީން ވެސް އެ ބަދަލާ ގުޅެންޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.

މެންބަރު ފިއްޓެ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިއްޓެ ވަނީ ރައްޔިތުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތަކާމެދު ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން، ކުރީ ސަރުކާރުން ފްލެޓް ލިބުނު ފަރާތްތަކުގެ މައްސަލަ މި ސަރުކާރުން އަލުން ބަލައި ފްލެޓްތައް އަތުލަމުންދާއިރު، މާލެއިން ގޯތި ލިބުނު މީހުންނަކީ ހައްގުވެރިންތޯ ބެލުމެއް ނެތި އެކަން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިކަހަލަ ބިލެއް ލައިގެން ތަފާތުކުރާ ތަފާތުކުރުން އެބަޖެހޭ ނިމުމަކަށް ގެންނަން." ފިއްޓެ ވިދާޅުވިއެވެ.

އޭގެއިތުރުން ފިއްޓެ ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމަކީ މީހާގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ގެއްލޭ ކަމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ދާއިމީ އެޑްރެހަށް އަންނަ ބަދަލެއް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ވެސް ހަގީގީ މާނައިގައި ކަންކަން ކޮށްދީފައިވަނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ހުށަހަޅާފައިވާ "ބޮޑު ބަދަލު"ގެ މައްޗަށް އަލިއަޅުވާލައްވަމުން ފިއްޓެ ވިދާޅުވީ، ކުރިން އެ ބަދަލާ މެދު މާބޮޑު ޝައުގުވެރިކަމެއް ނެތް ނަމަވެސް، ޕީއެންސީގެ މެންބަރުން އެކަމާ ދެކޮޅު ހަދާތީ އެއީ އާރުލާ ކަމެއްކަން މިހާރު ގަބޫލުކުރެވޭ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނައި ހުރިހާ ބޮޑެތި ބަދަލުތަކެއްގެ ފަހަތުގައި އޮތީ އެމްޑީޕީކަން އޭނާ ހަނދާންކޮށް ދެއްވިއެވެ.

"އަޅުގަނޑު އެދެނީ މި ގެންނަން މިއުޅޭ ބޮޑު ބަދަލުގައި ޕީއެންސީ ވެސް މިކަމާ ވިސްނައި އަޅުގަނޑުމެންނާ ބައިވެރިވުން." ފިއްޓެ ވިދާޅުވިއެވެ.

ފިއްޓެ މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ހުށަހަޅުއްވާފައިވާ މި ބަދަލުތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި، ދައުލަތުގެ ބާރުތައް ވަކިކުރުން ހަރުދަނާކުރުން ހިމެނެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ބަހައްޓައި، ސަރުކާރު ހިންގާ ވެރިޔާ އަކީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ބޭފުޅަކަށް ހެދުން ހިމެނެއެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް "އޯވާސައިޓް ކޮމިޝަނެއް" އުފެއްދުމާއި، މަޖިލިސް މެންބަރުން ވަކިކުރުމުގެ "ރިކޯލް ވޯޓު" ނެގޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ. އިގުތިސާދީ ގޮތުން ދައުލަތުގެ ދަރަންޏާއި ޑެފިސިޓް ގާނޫނީ ގޮތުން ކަނޑައެޅުމާއި، ސޮވްރިން ވެލްތު ފަންޑު ހަރުދަނާކުރުން ފަދަ މުހިންމު އިސްލާހުތަކެއް މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސް ނަޝީދާއި ފައްޔާޒް ވިދާޅުވެފައިވަނީ، 2008 ގެ ގާނޫނުއަސާސީން ލިބުނު ކުރިއެރުންތަކާއެކުވެސް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިންތިހާއަށް ފުޅާވެ، ގައުމު ދަރަނީގެ ދަންތުރައަކަށް ވެއްޓިފައިވާތީ، މިފަދަ ބޮޑު ބަދަލެއް ގެނައުން މަޖުބޫރުވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު