މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސިނގިރޭޓާއި ދުންފަތުގެ ބައެއް އުފެއްދުންތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު ފާސްވެގެންދިޔައީ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުންނެވެ.

މި ގެނެވުނު ބަދަލާއެކު، މީގެ ކުރިން ކޮންމެ ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ފީ، 4 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. މިއީ ކުރިން ނަގަމުން އައި ޑިއުޓީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ކުޑަވުމެކެވެ. އާދައިގެ ސިނގިރޭޓުގެ އިތުރުން ބިޑިއާއި، އަލިފާނާ ނުލައި ހޫނުކޮށްގެން ބޯން ހާއްސަ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވެސް މިހާރު ވަނީ 4 ރުފިޔާއަށް ކުޑަކުރުމަށް ކަނޑައަޅާފައެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓްތައް އެންމެ ފަހުން ބޮޑުކޮށްފައިވަނީ 1 ނޮވެމްބަރު 2024 ގައެވެ. އޭރު ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށް، އެޑްވަލޮރަމް ރޭޓް 50 އިންސައްތައަށް މަތިކުރުމާ ގުޅިގެން، 110 ރުފިޔާއަށް ކުރިން ލިބުނު ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އުފުލިފައެވެ. އޭރު ސަރުކާރުން ބުނަމުންދިޔައީ އެފިޔަވަޅަކީ ރައްޔިތުންގެ ސިއްހީ ފައިދާއަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މިހާރު މިވަނީ އެ ނިންމުން ބަދަލުކޮށް، ޑިއުޓީ 50 އިންސައްތައަށް ކުޑަކުރުމަށް "ޔޫ-ޓާނެއް" ނަގާފައެވެ. އަދި މިނިންމުމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ލަފާގެ މަތިން ގެންނަ ބަދަލެއް ކަމަށްބުނެ ސަރުކާރުގެ ވެރިން ވަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއްވެސް ދައްކާފައެވެ.

ދުންފަތުގެ މައްސަލާގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ދުންފަތް ބޭނުންކުރުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ އަގު އުފުލުމާ ގުޅިގެން، ކުރިން ވޭޕް ބޭނުންކުރި ގިނަ ޒުވާނުން މިހާރު ވަނީ އަމިއްލައަށް އޮޅައިގެން ބޭނުންކުރާ ކޮލިޓީ ދަށް ބިޑިއަށް އާދަވެފައެވެ. ޒުވާނުން ބުނަނީ މިހާރު ބިޑިއެއް އޮޅާލުމަކީ އެމީހުންނަށް އެއްވެސް ކަމެއް ނޫން ކަމަށާއި، އަގުބޮޑު ސިނގިރޭޓާއި، ސްމަގުލް ކޮށް ވަގަށް ވިއްކަމުންދާ ވޭޕް ގަތުމަށްވުރެ އެގޮތް މާ ފަސޭހަވެފައި ޚަރަދު ކުޑަ ކަމަށެވެ.

ހަމައެހެންމެ "ވަގަށް ވިއްކާ" ވޭޕްގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، ކުރިން 350 ރުފިޔާއަށް ބާޒާރުން ލިބުނު ވޭޕް މިހާރު "ކަޅު ބާޒާރުގައި" 1350 ރުފިޔާއަށް ލިބޭ ކަމުގެ މަޢުލޫމާތު ލިބެއެވެ. މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވުމުގެ މަޤްސަދުގައި ވޭޕް ބޭނުންކުރަން ފެށި ޒުވާނުން، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދުންފަތަށް އިތުރަށް އަހުލުވެރިވެފައިވާ ކަމަށް ބެލެވެއެވެ.

ހަމައެާއެކު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން ދައުލަތުގެ ބަޖެޓަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީވެސް ލިބިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވަގަށް ސިނގިރޭޓު އެތެރެކުރާ ނެޓްވޯކްތައް އުފެދި، ވައްކަމުގެ އައު "ޓްރެންޑެއް" ވިޔަފާރިވެރިންގެ މެދުގައިވެސް އުފެދިފައިވާ ކަމަށް ބެލެވޭނެ ޙާދިސާތައް މިފަހުން ވަނީ ހިނގާފައެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ސިއްހީ މައްސަލަތަކުގެ އިތުރުން އިޖްތިމާޢީ އެތައް މައްސަލަތަކެއްވެސް މިކަމުގެ ތެރެއިން ވަނީ ފެންމަތިވެފައެވެ.

ސަރުކާރުން ދުންފަތުގެ މައްސަލާގައި ބޮޑު ޔޫ-ޓާނެއް ނަގާފައިވާއިރު، މަޖިލީހުން މިއަދު ފާސްކުރި ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މިއާ ގުޅޭ އެންމެހައި ގަވާއިދުތައް އެކުލަވާލައި އާންމުކުރަން ޖެހޭނެއެވެ. ސަރުކާރުގެ މި ނިންމުމާއެކު، ދުންފަތުގެ އަގުތަކަށް އަންނާނެ ބަދަލާއި، އާންމު ސިއްހަތަށް ކުރާނެ އަސަރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު