ޕޮލިސް ކޮމިޝަނަރު-
ޕޮލިސް ކޮމިޝަނަރު-
މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، އެތަކެތި އެތެރެކުރުން ހުއްޓުވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، މަސްތުވާތަކެތި ތަހުލީލު ކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކެއް ފުލުހުންގެ މުއައްސަސާއާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންނާ ހަވާލުކޮށްފައިވަނީ މަސްތުވާތަކެތި ހުރިތޯ ބަލައި ތަހުލީލުކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިންގ ކިޓް" އެވެ.

މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީތެރިކަމާއެކު، ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް ދިވެހި ފުލުހުންނަށް ފޯރުކޮށްދީފައިވާ ތަކެއްޗެވެ. ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި މި އާލާތްތަކަކީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް ވަގުތުން ދެނެގަތުމަށް މަގުފަހިވެގެންދާނެ ވަސީލަތްތަކެކެވެ.

ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ޒުވާނުންނެއްގެ މުސްތަގުބަލު ވަނީ ބާޛިލުވެފައެވެ. އަދި މި ވަބާގެ ނޭދެވޭ އަސަރުތައް ޖީލުތަކަކަށް ދެމިގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، ތަމްރީނުލިބިފައިވާ އޮފިސަރުންގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމު ކަމަށް ސީޕީ ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ފޯރުކޮށްދެވުނު އާލާތްތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން ކުރާ މަސައްކަތުގެ ރަމްޒެއް،" ކޮމިޝަނަރ ވިދާޅުވިއެވެ.

މި އާލާތްތަކުގެ ސަބަބުން ފުލުހުން ކުރިއަށްގެންދާ ތަހުގީގުތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކި ހޯދުމަށް ފަސޭހަވެގެންދާނެއެވެ. މިއީ ފުލުހުންގެ ޚިދުމަތުގެ 2024-2028 ގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް، ތަހުގީގީ ދާއިރާ ހަރުދަނާކޮށް، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސީޕީ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު