ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު އިއްވުމަށްފަހު، ދިޔާނާއަށް ރުހުން ދިނުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ދިޔާނާ ސައީދަކީ ދައުލަތުގެ މަތީ މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ އެޓާނީ ޖެނެރަލްގެ މަގާމު އޭނާ ފުރުއްވިއެވެ. ނަމަވެސް، އެ ސަރުކާރުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ދަނޑިވަޅުގައި ދިޔާނާވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ރިޔާސަތުގައި ޖެންޑާ މިނިސްޓަރުކަންވެސް އޭނާ ކުރެއްވިއެވެ.

ސަފީރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ކުރިން، ފޮރިން ސާވިސްގެ ތަޖުރިބާ ހޯއްދެވުމުގެ މަރުހަލާގެ ދަށުން، މިދިޔަ އޭޕްރިލް މަހު ރައީސް މުއިއްޒު ވަނީ ދިޔާނާ "އެމްބެސެޑާ އެޓް ލާޖް" ގެ މަގާމަށް އައްޔަންކުރައްވާފައެވެ. މިއީ ފޮރިން ސާވިސްގައި މަސައްކަތް ކުރައްވާފައި ނުވާ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއާތެކެވެ.



ކިޔުންތެރިންގެ ހިޔާލު