ޤަތަރުގެ ކުރީގެ އަމީރު-
ޤަތަރުގެ ކުރީގެ އަމީރު-
ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ އެ ޤައުމުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި، އެ ޤައުމު މިއަދު ދެކެމުންދާ އާދަޔާޚިލާފު ތަރައްޤީއަށް ދުރުވިސްނޭ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި، ގާބިލު ލީޑަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، އެ ޤައުމުގެ ޝާހީ ޢާއިލާއަށާއި، ސަރުކާރުގެ އިތުރުން ޤަޠަރުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރްޙޫމް ޝައިޚް ޙަމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާކުރެއްވިއެވެ.

ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ ޤަޠަރުގެ އަމީރުކަން ކުރެއްވީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށެވެ. 18 އަހަރުގެ ދިގު ޒަޢާމަތަކަށްފަހު އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވީ، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމްއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހުގައެވެ.

ޝައިޚް ޙަމަދުގެ ވެރިކަމުގައި ޤަޠަރު ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. ޚާއްޞަކޮށް އެ ޤައުމުގެ ގޭހާއި ތެލުގެ މުއްސަނދިކަން ބޭނުންކޮށްގެން ޤައުމުގެ އުމްރާނީ ތަރައްޤީއަށް އެމަނިކުފާނު ގެންނެވި ބަދަލުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު