ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ބައްދަލުކުރެއްވުން މިއަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ދަށުން، އިސްރާފު ކުޑަކޮށް އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމުގެ މަޤްޞަދުގައެވެ. މިއީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް އޮފީހުން ފާހަގަކުރެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވި ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، ޖުލައި މަހުގެ 26 ވާ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.

ސަރުކާރުން އަންނަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ މަޤާމުތައް މަދުކުރުމާއި، އެކި މުނާސަބަތުތަކާ ގުޅިގެން ބާއްވާ ޚަރަދު ބޮޑު ޙަފްލާތައް މަދުކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު