"ބިންވެރިޔާ ސްކީމް" ގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މީގެ ކުރިން މި ލިޔުން ދޫކުރަމުން އައީ ގޯތި ލިބުނު ފަރާތްތައް ސީދާ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، ސަރުކާރުން މިހާރު ވަނީ އެ ސަރަހައްދަށް ދިއުމުގެ ބަދަލުގައި، ގޭގައި ތިބެގެން ފަސޭހަކަމާއެކު ޕޯޓަލް މެދުވެރިކޮށް މި ލިޔުން ލިބޭނެ މަގު ފަހިކޮށްދީފައެވެ.

މި ލިޔުން ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ކުރައްވަންޖެހޭ ކަމަކީ އީފާސް މެދުވެރިކޮށް "ހިޔާވެހި ޕޯޓަލް" އަށް ލޮގިން ކުރެއްވުމެވެ. ޕޯޓަލްއަށް ވަނުމަށްފަހު، މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން "ގޯތި ހަވާލުކުރުން" މި ބަޔަށް ދިއުމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ހުރިހާ ތަފްސީލެއް ފެންނަން ހުންނާނެއެވެ. އަދި މި ސެކްޝަނުގައިވާ "ގޯތި ހަވާލުކުރިކަމުގެ ލިޔުން" ބައިން އެ ލިޔުން ޑައުންލޯޑް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މިގޮތަށް ދޫކުރާ ލިޔުމުގައި ގޯތީގެ ސީދާ ލޮކޭޝަން ބަލާލެވޭނެ ކިއު.އާރް ކޯޑަކާއި ޚާއްޞަ ލިންކެއް ހިމެނިފައިވެއެވެ. މި ކޯޑު ސްކޭންކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން، ގޯތި އޮތް ތަން މެޕުން ވަގުތުން ބަލާލެވޭނެއެވެ. މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް ގޯތި އޮތް ސަރަހައްދުގެ މިހާރުގެ ހާލަތާއި، އެތަނުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރުވެސް ބަލާލުމުގެ ފުރުސަތު ބިންވެރިންނަށް ލިބިގެންދާނެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ލިޔުން ޑައުންލޯޑް ކުރެވޭނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތީގެ ރަޖިސްޓްރީއާ މިހާރު ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ ސަރަހައްދެއްގައި ކުރިއަށްދާ މަސައްކަތްތައް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށްވެސް މިނިސްްޓްރީން ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު