ލޭންޑް އޮފް ގާރޑްން
ލޭންޑް އޮފް ގާރޑްން
މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ ކަމަށް ތުހުމަތުކުރެވޭ "ޑްރަގް ކެފޭ" އެއް ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ މ. ލޭންޑްއޮފްގާޑަންގެ ބައެއް ކަމަށެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މި ތަން ބަންދުކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ތަން ބަންދުކޮށްފައިވާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މިއީ މާލޭގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ ޚާއްޞަ މަސައްކަތުގެ ތެރެއިން ބަންދުކުރި ހަ ވަނަ ތަނެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިފަދަ ތަނެއް ބަންދުކުރުމަށް ފުރަތަމަ އަމުރެއް ނެރެފައިވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު ބަންދުކުރީ ހ. ގުންޒަރު ނަމަކަށް ކިޔާ ގެއެކެވެ.

މީގެ އިތުރުން މީގެ ކުރިން ބަންދުކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ މެއި 22 އިން އޮގަސްޓު 22 އަށް މ. ތަރިވިލާގެ، މ. އަމީރާމަންޒިލްގެ ބައެއް (ޖޫން މަހުން ސެޕްޓެމްބަރު 1 އަށް)، މއ. ސެވަން އެންޑް ހައުސް (ޖޫން 11 އިން ސެޕްޓެމްބަރު 9 އަށް)، ޖޫން 25 އިން ސެޕްޓެމްބަރު 24 އަށް ހ. ކަނޑުފިނިގެ، ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެކެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީންވެސް ބައެއް ގޭބިސީތައް މިފަދަ ތުހުމަތުތަކުގައި ބަންދުކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ. ފުލުހުން އިތުރަށް ބުނީ، ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މި ތަންތަނަށް، އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެ ނިކުތުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތުން އަންނަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި އެފަދަ ޚިދުމަތްދޭ ތަންތަން ހޯދައި، އެ ތަންތަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު