އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ލ. ގަމު ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުން، ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ލ. ގަމު ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުން، ފޮޓޯ: އެމްޑީޕީ
އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ލ. ގަމު ކައުންސިލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ސިޔާސީ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ލ. ގަމު ކައުންސިލްގެ ރައީސް އަފްޞަލް ޖަޢުފަރު އާއި، ނައިބް ރައީސް އިބްރާހީމް ރަޝީދު އަދި ކައުންސިލް މެންބަރު ސަލްމާ އުމަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ. މި ބައްދަލުވުމަކީ އެމްޑީޕީގެ މެންބަރުންނާ ގާތުން ބައްދަލުކޮށް، ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޝާހިދު މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ސިޔާސީ މަސްރަހުގައި ޝާހިދު ހަރަކާތްތެރިކަން އިތުރުކުރައްވާފައިވާ މި ދަނޑިވަޅުގައި، އިއްޔެގެ ވަގުތެއްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކުއާވެސް ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި، ގައުމުގެ މިހާރުގެ ހާލަތާއި ޕާޓީ އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ޝާހިދު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

ޝާހިދު މިފަދަ ބައްދަލުވުންތަކެއް ބާއްވަމުންދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ޝާހިދު ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު