މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި، ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ބައެއް މެމްބަރުންނާ އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބުދު ﷲ ޝާހިދު ވިދާޅުވީ، ރޭ ބޭއްވުނު މި ބައްދަލުވުމަކީ އަންހެން ކަނބަލުންގެ ކުރިއެރުމާއި ތަރައްގީއަށް އަމާޒުކޮށްގެން ބޭއްވުނު މުހިންމު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

ޚާއްޞަގޮތެއްގައި ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެން ކަނބަލުންނަށް އަދިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތައް ނައްތާލުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޤައުމުގެ ކުރިމަގު ބިނާކުރުމުގައި އަންހެނުންގެ ޙިއްސާ މިހާރަށްވުރެ އިތުރުކޮށް، މުޖުތަމަޢުގައި އެކަނބަލުންނަށް ޙައްޤުވާ މަޤާމު ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ޕޯސްޓު ނިންމާލައްވަމުން ވަނީ، ރޭގެ ބައްދަލުވުމުގައި ބައިވެރިވި ކަނބަލުން ޙިއްސާކުރެއްވި އުފެއްދުންތެރި އަދި ބިނާކުރުނިވި ޚިޔާލުތަކަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެ އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު