ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން، ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން، ފޮޓޯ: ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ބައްޓަންކުރާނީ މިހާރަށްވުރެ ބޮޑަށް ޒަމާނީވެ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައެވެ. މި މެސެޖުގައި މިނިސްޓަރު ވަނީ ކަސްޓަމްސްގެ ދިގު ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ މުވައްސަސާއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް އެއް މުވައްސަސާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި، ކަސްޓަމްސްއިން އަދާކުރަމުންދަނީ ރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ނުހަނު މުހިންމު ޒިންމާތަކެކެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ބިނާކޮށްދިނުމަށް ކަސްޓަމްސްއިން ކުރާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް އިޚްލާޞްތެރިކަމާއެކު ބަލަހައްޓައި، ކަސްޓަމްސްގެ އޮފިސަރުން އަދާކުރަމުންދާ ދައުރަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

ސަރުކާރުން މަސްއޫލިއްޔަތާ ހަވާލުވިފަހުން، ރާއްޖޭގެ ބޯޑަރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި، ޤާނޫނީގޮތުން މަނާ ތަކެތި އަތުލައިގަތުމުގައި ކަސްޓަމްސްއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީގެ ބޭނުން ހިފުން އިތުރުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާ އަގުހުރި ޤައުމީ މަސައްކަތުގައި އެ މުވައްސަސާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު