އަލީ ޝާހިލް
އަލީ ޝާހިލް
ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ، ފިނިފެންމާގޭ، އަލީ ޝާހިލްގެ މައްޗަށް ސާބިތުވި ދެ ދައުވާއެއް އޭނާގެ ފަރާތުން އަލުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މީގެ ކުރިން މި ދެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، ލިޔެކިޔުންތައް ފުރިހަމަ ނުކުރުމުގެ ސަބަބުން ކޯޓުން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ. ނަމަވެސް، ހައިކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ޝާހިލްގެ ފަރާތުން ވަނީ މި މައްސަލަތައް އަލުން އިސްތިއުނާފަށް ހުށަހަޅާފައެވެ. މި މައްސަލަތަކާމެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހ. ޝީރީންވިލާގައި 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައަށް މިހާރު ތިން އަހަރުވެފައިވާއިރު، ޝާހިލްގެ މައްޗަށް ކުރާ ބައެއް ދައުވާތަކުގެ ބާވަތް ވެސް ވަނީ ސިއްރުކޮށްފައެވެ.

އަދި މި މައްސަލައިގެ ބައެއް ބައިތައް އަދިވެސް ދަށު ކޯޓު މަރުހަލާގައި ކުރިއަށްދާއިރު، ޝާހިލްގެ މައްޗަށް ތުހުމަތުކުރެވޭ މި ހާދިސާ ހިނގި ދުވަހުން ފެށިގެން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ކަށަވަރުވެފައެވެ. އަދި ޝިއާއުގެ ފުރާނަ ދިޔައީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން އެ ރިޕޯޓުން ސާބިތުވާކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު