ޕޮލިސް ކޮމިޝަނަރު، ފޮޓޯ: ފުލުހުން
ޕޮލިސް ކޮމިޝަނަރު، ފޮޓޯ: ފުލުހުން
މާލޭގެ މަގުތަކަކީ އާންމު ރައްޔިތުންނަށް އަމާން އަދި ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަ ތަންތަނަށް ހެދުމަށްޓަކައި، ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު މިހާރަށްވުރެ އިތުރުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރު މިފަދައިން އިލްތިމާސްކުރެއްވީ، މާލެއާއި ބްރިޖް ހައިވޭގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އަލަށް އެކުލަވައިލި ޚާއްސަ ޕްލޭން އިފުތިތާހުކުރުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ. "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" ގެ ނަމުގައި ތައާރަފުކުރި މި މަޝްރޫއަކީ މާލެ ސަރަހައްދުގެ މަގުމަތީގެ ނިޒާމު ހަރުދަނާކޮށް، މަގުމަތީގައި ޑިއުޓީ އަދާކުރާ ފުލުހުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޕްލޭނެކެވެ.

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ކޮމިޝަނަރު ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ އެންމެ އިސް އެއް ވާޖިބު ކަމަށެވެ. އެގޮތުން ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އާ ޕްލޭނުގެ ދަށުން، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު ވަނީ އިތުރުކޮށްފައެވެ. ކޮމިޝަނަރުގެ ވާހަކަފުޅުގައި، ހަމައެކަނި ފުލުހުން ތިބުމުގެ ބަދަލުގައި، އާންމުންނަށް ދަތުރުފަތުރުގައި ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް އޮފިސަރުންނަށް ބާރުއެޅުއްވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މިހާރު ފުލުހުން ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އެކި ދިމާތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި، މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު