އިދިކޮޅު ލީޑަރު ރަހުލް ގާނދީ
އިދިކޮޅު ލީޑަރު ރަހުލް ގާނދީ
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޕާލަމެންޓް ސަރަހައްދުގައި މުޒާހަރާކުރަން ދިޔަ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކާއި ގުޅިގެން، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ހޯމް މިނިސްޓަރު އަމިތު ޝާހު މަގާމުން އިސްތިއުފާދެއްވުމަށާއި ދަރިވަރުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަރަށް ބޮޑަށް ގޮވާލައްވައިފިއެވެ.

ޕާލަމެންޓް އިމާރާތް ކައިރީގައި މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ފުލުހުން ލަޓިބުރިން ތަޅާ ހެދުމާ ގުޅޭގޮތުން ވާހަދައްކަވަމުން ރާހުލް ގާންދީ ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެވަރުގެ ކަމެއް ނޫން ކަމަށާއި، މިއީ މުޅިން "އިންޑިއާގެ ސަގާފަތާ ހިލާފު" އަމަލެއް ކަމަށެވެ.

އަދި ގައުމުގެ ތައުލީމީ ނިޒާމާއި އިމްތިހާނުތަކުގެ ނިޒާމު މުޅިން ހަލާކުވެފައިވާ ކަމަށާއި، ޒުވާނުންގެ މުސްތަގުބަލު ނެތިކޮށްލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގައި ބަހުސްކުރުމަށް އިދިކޮޅު މެންބަރުން ލޯކް ސަބާގެ ރައީސް އާއި ބައްދަލުކުރެއްވި ނަމަވެސް، ރައީސްގެ ޖަވާބުގައި ވިދާޅުވީ މުޒާހަރާ ކުރުމަށް ސަރުކާރުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.

މިއީ ޕާލަމެންޓްގައި ބަހުސް ކުރުމުގެ ހައްގު ވެސް ސަރުކާރުން ހަނިކޮށްފައިވާ ކަމެއް ކަމަށް ރާހުލް ތުހުތުކުރެއްވިއެވެ. ރާހުލް ވަނީ ބޮޑުވަޒީރު މޯދީ މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަމަހިމޭނުން ހުންނަވަނީ ކީއްވެގެންތޯ އަހައި ސުވާލު އުފެއްދަވާފައެވެ.

މި މައްސަލައިގައި ބޮޑުވަޒީރުގެ ގެކޮޅު ކައިރިއަށް ކޮންގްރެސްގެ އިސް ވެރިންނާއި މެންބަރުން އެއްވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު