އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
ޕެންޝަން ފަންޑު މެދުވެރިކޮށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރައްވައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިގޮތަށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ކަނޑައެޅިގެން ހަލާކުކޮށްލުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓި، ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރައްވައި ޝާހިދު ވިދާޅުވީ، ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް، އެ ވައުދާ ޚިލާފުވެ މާލީ ނިޒާމަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ގޮތަކަށް އަމަލުކުރެއްވުމަކީ "ވަރަށް ދެރަވަރު ކަމެއް" ކަމަށެވެ.

ޝާހިދު މި ފާޑުކިޔުންތައް އަމާޒުކުރައްވާފައި މިވަނީ، ޕެންޝަން އޮފީހުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިއަދު އެކަނިވެސް އެ އޮފީހުގެ ހެޑް އޮފް އިންވެސްޓްމަންޓް ހައިފާ އަޙްމަދާއި، މެނޭޖްމަންޓް ލެވެލްގެ އިތުރު ދެ މުވައްޒަފަކު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މި ތިން ބޭފުޅުން އިސްތިއުފާ ދެއްވި ސަބަބެއް ޕެންޝަން އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި އިސްތިއުފާތަކަކީ ސަރުކާރުގެ ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން ހިނގާފައިވާ ކަންކަން ކަމަށް ބައެއް މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުގެ އިސް މުވައްޒަފުންނާއި ބޯޑު މެންބަރުން އިސްތިއުފާ ދެމުންދާއިރު ވެސް، އެކަމަށް ބެލުމެއްނެތި ފައިސާ ޗާޕުކުރުން ކުރިއަށް ގެންދިއުމަކީ ނުރައްކާތެރި ކަމެކެވެ.

މި މައްސަލައިގެ ތެރެއިން މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ސީއީއޯ، ސީއެފްއޯ، ބޯޑު ޗެއަރމަންގެ އިތުރުން ބައެއް ބޯޑު މެންބަރުން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އޮތް އިތުބާރު ގެއްލި، މާލީ ނިޒާމު ގަޑުބަޑުވަމުންދާ ކަމުގެ ހެއްކެކެވެ.



ކިޔުންތެރިންގެ ހިޔާލު