އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު-
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު-
އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކިޔަވާކުދިންނާއި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރަދާން އޭނާގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވީ މިއަދުގެ ވަވުތެއްގައެވެ.

މިނިސްޓަރު އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމާއެކު، މުޒާހަރާ ކުރަމުންދާ ސަރަހައްދުތަކުން މީހުން ހުސްކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ވަނީ ބޮޑެތި ފައުޖުތަކާއެކު އެ ސަރަހައްދުތަކަށް ވަދެގަންނަން ފަށާފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕްރަދާން ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ މިކަމުގެ ޒިންމާ ނެންގެވި ކަމަށާއި، ހާލަތުން ރެކިވަޑައިގަތުމަށް ދުވަހަކުވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އޭނާގެ އަޒުމަކީ މޮޅެތި ކިޔަވާކުދިންގެ މުސްތަގުބަލު "އެގްޒަމިނޭޝަން މާފިއާ" ތަކުގެ ސަބަބުން ބާޛިލުވެގެން ދިޔަނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ކިޔަވާކުދިންނަށް ފޮނުއްވި ސިޓީއެއްގައި ޕްރަދާން ވިދާޅުވެފައިވަނީ، ޖަންތަރް މަންތަރްއާއި މުޅި ގައުމުގައި އުފެދިފައިވާ ހަލަބޮލިކަމުގެ ފައިދާ ގައުމާ ދެކޮޅު ބާރުތަކުން ނެގިޔަ ނުދިނުމަށާއި، ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި ކިޔަވާކުދިންގެ މުސްތަގުބަލު ގާނޫނީ އޮޅުންބޮޅުންތަކެއްގެ ތެރޭގައި ތާށިވިޔަ ނުދީ، އެކުދިންނަށް ކިޔެވުމާއި ކެރިއަރު ބިނާކުރުމަށް ފުރުސަތު ދިނުމަށްޓަކައި ބޮޑުވަޒީރަށް އިސްތިއުފާ ހުށަހެޅުއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އުފެދިގެން ދިޔައީ 2026 މެއި 3 ގައި ބޭއްވި ނީޓް-ޔޫޖީ އިމްތިހާނުގައި ފާހަގަވި އޮޅުވާލުންތަކާ ގުޅިގެންނެވެ. އެ މައްސަލަ ފެންމަތިވުމާއެކު ސަރުކާރުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ސީބީއައިއާ ހަވާލުކޮށް، އިމްތިހާނު ބާޛިލުކޮށް އާ ތާރީޚެއް ކަނޑައަޅާފައެވެ. އަދި އަންނަ އަހަރުން ފެށިގެން މި އިމްތިހާނަކީ ކޮމްޕިއުޓަރު ބޭސްޑް ޓެސްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

ޕްރަދާން އިތުރަށް ވިދާޅުވީ، މިދިޔަ ޖޫން 21 ގައި 20 ލައްކައަށްވުރެ ގިނަ ކިޔަވާކުދިން އަލުން އިމްތިހާނު ފުރިހަމަކޮށްފައިވަނީ ސަރުކާރާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ޒިންމާދާރު މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލައި، ކިޔަވާކުދިންނަށް މަގު އޮޅުވާލުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ސިޓީ ނިންމަވާލައްވަމުން ބޮޑުވަޒީރު މޯދީއާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާގެ ޒުވާނުންގެ ކުރިއެރުމަށާއި ގައުމަށް ޚިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު