(ކ-ވ) މުސްތަފާ، ރައީސް ޔާމީން، މެންބަރު ޝުޖާއު
(ކ-ވ) މުސްތަފާ، ރައީސް ޔާމީން، މެންބަރު ޝުޖާއު
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެކުލަވައިލެއްވި ބިޔަ ތަރައްޤީގެ މަޝްރޫޢުތަކާއި ތަސައްވުރުތަކުގެ ފުރިހަމަ ޝަރަފު، މިހާރުގެ ސަރުކާރުން ނަގަމުންދާ ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަނެއްކާވެސް އަމާޒުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ފަދަ އިންޤިލާބީ މަޝްރޫޢުތަކުގެ އަސްލު ބާނީއަކީ ރައީސް ޔާމީން ކަމަށްވާއިރު، އެ މަޝްރޫޢުތަކުގެ ކްރެޑިޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނަންގަވާ ކަމުގެ ތުހުމަތު ކުރިންވެސް އޮތެވެ. ނަމަވެސް މާލޭގެ ރިންގް ރޯޑު ތަރައްޤީކުރުމުގެ ތަސައްވުރާ ގުޅިގެން ސޯޝަލް މީޑިއާގައި ފެށުނު ހޫނު ބަހުގެ ހަމަލާތަކާއެކު މި މައްސަލަ އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ.

މާލޭ ރިންގް ރޯޑު ސިނަމާލެ ބްރިޖާ ގުޅާލައި، އެމްޓީސީސީ ޓާމިނަލުން ފެށިގެން އެމްޕީއެލްއާ ހަމައަށް އުފުލިފައިވާ ފްލައިއޯވަރެއް ބިނާކުރުމުގެ ބިޔަ ތަސައްވުރެއް ރައީސް ޔާމީންގެ ދެވަނަ ދައުރުގައި އޮތް ކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްތަފާއެވެ. މުސްތަފާ ވަނީ މިހާރުގެ ސަރުކާރުން މަގުތަކުގައި ކުޑަ މިންވަރަކަށް ތާރުއަޅައިގެން "ޓިކްޓޮކް" ކުޅެ، ހަޤީޤީ ތަރައްޤީގެ ކްރެޑިޓް ހޯދަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ސަރުކާރުގެ ދިފާޢާއި ސިޔާސީ ރައްދުތައް

މުސްތަފާގެ މި ހާމަކުރެއްވުމަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި އެފަދަ ތަސައްވުރެއްގެ ތަޞްވީރެއް ނެތް ކަމަށެވެ. އަދި އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން 24 ގަޑިއިރު މަސައްކަތް ކުރެއްވީ ޑރ. މުޢިއްޒު ކަމަށާއި، އެފަދަ ތަސައްވުރެއް އޮތް ނަމަ އެކަން ޑރ. މުޢިއްޒު ކުރެއްވީސް ކަމަށް ވިދާޅުވެ، ތަރައްޤީގެ ހުރިހާ ދައުރެއް ޑރ. މުޢިއްޒުގެ އިސްތަށިފުޅުގައި އެޅުއްވުމަށް ޝުޖާޢު މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް، މުސްތަފާ ވަނީ ޝުޖާޢުގެ ވާހަކަތަކަށް ވަގުތުން ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކިތަންމެ ވަރަކަށް ޓްވީޓް ކުރެއްވިޔަސް ޕާޓީގެ ނައިބު ރައީސްކަން ޝުޖާޢައަށް ނުލިބޭނެ ކަމަށާއި، އެ މަޤާމުތައް ހުސްވެފައިވަނީ "ދިމްޔާތު ކުދިންނަށް" ކަމަށް ވިދާޅުވެ ސަރުކާރުގެ އެތެރޭގެ އުނޫނުތަކަށް އިޝާރާތް ކުރައްވާފައެވެ. އަދި މިފަދަ ހަޤީޤަތްތައް ހާމަވުމުން ސަރުކާރު "ކަކުލު ހުޅުން ދޫވާތަން" ފެންނަ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ. ރައްދުގައި ޝުޖާޢު ވަނީ އޭއައި މެދުވެރިކޮށް ހަދާ ފޮޓޯތަކުން ރައީސް ޔާމީންގެ އަގު ވައްޓާލެވޭ ކަމަށް ބުނެ ސަރުކާރު ދިފާޢު ކުރައްވާފައެވެ.

ތާރީޚީ ކްރެޑިޓް އޮޅުވާލުމުގެ ސިލްސިލާއެއް؟

މި ބަހުގެ ހަމަލާތަކުން ހާމަވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އުފަންވި ބިޔަ ތަސައްވުރުތަކުގެ ޝަރަފު މިހާރުގެ ސަރުކާރުން ނަގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަމެވެ.

ޗައިނާ މާލެ ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖު) އަކީ ރައީސް ޔާމީންގެ ސީދާ ތަސައްވުރާއި ޚާރިޖީ ހިކުމަތްތެރިކަމުން ހަޤީޤަތަކަށް ހެއްދެވި މަޝްރޫޢަކަށްވާއިރު، އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު އެ މަޝްރޫޢުގެ އަމަލީ ކްރެޑިޓް އަމިއްލަފުޅު ކުރެއްވި ފަދައިން، މާލޭގެ މަގުތަކާއި ރިންގް ރޯޑުގެ ބޮޑެތި ތަސައްވުރުތަކުގައިވެސް ސަރުކާރުން އުޅެނީ ރައީސް ޔާމީންގެ ފިކުރީ އުފެއްދުންތައް އަމިއްލަ ކުރަން ކަމަށް އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

އެއްވެސް އާ ބިޔަ ތަރައްޤީގެ ތަސައްވުރެއް އަމިއްލައަށް ނެރުމުގެ ބަދަލުގައި، މާޒީގައި ރޭވިފައި ހުރި ކަންކަމުގައި ކުލަޖައްސައި، ކުދިކުދި މަސައްކަތްތަކުން އިޝްތިހާރުވުމަށް ސަރުކާރުން ކުރާ މަސައްކަތާމެދު ސިޔާސީ މަޝްރަހުގައި ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު