ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 61 އަހަރު ވުމުގެ މުނާސަބަތުގައި، މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު ކުލަގަދަކޮށް ބާއްވައިފިއެވެ.

މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން، މިނިވަން ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. މި ދުޢާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެއްވައި، ރާއްޖެއަށް ބާއްޖަވެރިކަމާއި އަމާންކަން މިންވަރުކޮށްދެއްވުމަށެވެ.

ރަސްމިއްޔާތު ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ. ޤައުމީ ސަލާމުގެ ރާގު ކުޅެދީފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީންނެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ.



ކިޔުންތެރިންގެ ހިޔާލު