ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
މާލޭގެ މަގުތަކުގައި އަލުން ތާރުއެޅުމަކީ މާލެއަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށާއި، މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޓްރެފިކް ނިޒާމުގެ ޕްލޭން ތަންފީޒުކުރުމަށް ސަރުކާރުން ފުރުސަތު ދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅި ނަމަވެސް، މާލޭގެ މުޅި މައްސަލައަށް އެކަމުން ހައްލެއް ނުލިބޭނެއެވެ. މާލޭގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އެންމެ ބޮޑު ދަތިތަކާ ކުރިމަތިވަނީ މާލޭގެ އެތެރޭގެ ހަނި މަގުތަކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލޭގެ މަގުތަކުގައި އަލުން ތާރު އެޅުމުން މާލޭގެ މުޅި މައްސަލައަށް ލިބޭނެ ހައްލެއް ނެތް. މާލޭގައި ހިނގާ ވިނގާވެ އުޅެން އެންމެ ބޮޑަށް ދަތީ މާލޭގެ އެތެރޭގެ ހަނި މަގުތަކުގައި،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގައި އައު ނިޒާމެއްގެ ޕްލޭން އެބައޮތްކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޓީ ކައުންސިލަށް ޖާގަ ދޭންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި، ހެންވޭރު ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމައި އިއްޔެ މަގު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއު ނިމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ސަރުކާރުގެ މި މަސައްކަތް ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުންނެވެ.

ނަމަވެސް މާލޭގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލައަށް އޮތް އޮތް ހައްލަކީ ހަމައެކަނި މަގުތަކުގައި ތާރު އެޅުން ނޫން ކަމަށާއި، މުޅި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު