މިނިވަންދުވަހުގެ ދިދަ އެރުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
މިނިވަންދުވަހުގެ ދިދަ އެރުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ކާބަފައިން ފުރާނައިން ގުރުބާންވެގެން ހޯދައިދިން ގައުމީ މިނިވަންކަން ދެމެހެއްޓުމަކީ، މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ އެންމެ ބުރަ އަދި އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށްޓަކައި އެކި ޒަމާންތަކުގައި ދިވެހި ބަތަލުން ވެވަޑައިގަތް މަތިވެރި ގުރުބާނީތަކަކީ އަބަދުމެ ހަނދާންކުރަންޖެހޭނެ ކަންކަން ކަމަށެވެ. އެ މަނިކުފާނު ވަނީ އެ ބަތަލުންގެ ޒިކުރާ އާކުރައްވައި، އެ ފަރާތްތަކަށް ހެޔޮ ދުއާ ފޮނުއްވާފައެވެ.

މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގައުމީ ލޯބި އިސްކުރުމާއި ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަކީ މި ދަނޑިވަޅުގައި އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އަމިއްލަވަންތަކަމާ މެދު ފަހުރުވެރިވުމާއި، މުޖުތަމައުގެ ބަދަހިކަމާއި އެކުވެރިކަން ދެމެހެއްޓުމަކީ މިނިވަން ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އޮތް އެންމެ ވަރުގަދަ ބިންގާ ކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 77 އަހަރަށް ފަހު އިނގިރޭސިންގެ ހިމާޔަތުން ދިވެހިރާއްޖެ މިނިވަންވެ، ފުރިހަމަ ސިޔާދަތީ ބާރުލިބިފައިވާ ދައުލަތެއްގެ ގޮތުގައި 26 ޖުލައި 1965 ގައި އެއްބަސްވުމުގައި ސޮއިކުރި ތާރީޚެވެ. މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު