އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
މިހާރުގެ ސަރުކާރުގެ އިސްވެރިންނަށް ގައުމު ހިންގުމުގެ އުކުޅުތައް ނޭނގޭ ކަމަށާއި، އިގްތިސާދީ ގޮތުން ރާއްޖެއަށް އާރޯކަމެއް ހޯދައިދިނުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހިދު ސިފަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތް ހިންގަމުންދަނީ ދުއްވަން ދަސްކުރާ މީހުން ބޭނުންކުރާ "އެލް ބޯޑު" ޖަހައިގެންނެވެ. އޭނާ ވިދާޅުވީ، ވެރިކަމަށް ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް، އިގްތިސާދީ ގޮތުން ގައުމު ކުރިއަށްގެންދާނެ ސާފު ތަސައްވުރެއް ސަރުކާރުގެ އިސްވެރިންނަށް އޮޅުންފިލާފައި ނެތް ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ ގައުމަށް ދިމާވެފައިވާ ތަރައްގީގެ ހުރަސްތަކާ ގުޅޭގޮތުން ތެދުބަހުން ވާހަކަދައްކަން ކެރޭ ބަޔަކު މުޖުތަމައުގައި ތިބުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ގައުމިއްޔަތުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، އެއީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ދައްކާ ވާހަކައަކުން ދެމިއޮންނާނެ ކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް، އާންމު ރައްޔިތުންނަށް ދިދަ ނެގުމަށް ބާރުއަޅާއިރު، ސަރުކާރުގެ އަމިއްލަ އިމާރާތްތަކުގައި ހުރި ގައުމީ ދިދަތައް ބާވެ، ކުލަވެއްޓި، ވީދިފައި ހުރުމަކީ ގައުމިއްޔަތަށް ލިބޭ ވަރަށް ބޮޑު އިހާނެތިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ސަރުކާރުގެ ބަޖެޓުގައި އާ ދިދަ ފެހޭނެ ފައިސާ ނެތިއްޔާ، އައު ދިދައެއް ލިބުނީމާ ނަގަން ބާވެފައި ހުރި ދިދަތައް ބޭލުން މާ ރަނގަޅު. ކުލަވެއްޓި، އިރައިގެން ގޮސްފައި ހުންނަ ދިދައެއް ބެހެއްޓީމާ ގައުމިއްޔަތަށް ލިބޭ ނިކަމެތިކަން މާ ބޮޑު،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިވަން ދުވަސް ފަދަ ގައުމީ މުނާސަބަތުތަކުގައި ބައިބައިވުން އުފެދޭ ކަންކަމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެއްބަސްވުންތަކަށް އައުމަކީ އާ ފިކުރުތަކަށް ޖާގަދޭން އޮތް ހަމައެކަނި މަގު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައިވެސް ދިވެހިން މިނިވަންކަންމަތީ ތިބުމަކީ އުފާކުރަންޖެހޭ ކަމެއް ނަމަވެސް، އިގްތިސާދީ މިނިވަންކަން ހާސިލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު