ހައްޔަރުކޮށްފައިވާ މީހާ
ހައްޔަރުކޮށްފައިވާ މީހާ
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ބެންގަލޫރުގެ ރަށްބޭރުގައި އޮންނަ ނީލަމަންގަލާ ސަރަހައްދުގައި ގެރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 25 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުއްތަރަޕްރަދޭޝްގެ ވަރަނާސީއަށް ނިސްބަތްވާ ނިޒާމުއްދީން ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ނީލަމަންގަލާގެ ވީވާސް ކޮލޮނީގައި ހުންނަ އޭނާގެ ތިމާގެ މީހެއްގެ ގޭގައި ދިރިއުޅެމުންދާ މީހެކެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ފަކުރުގަނެވޭ އަމަލު އޭނާ ހިންގާފައިވަނީ ދުވާލުގެ ވަގުތެއްގައި މަގުމަތީގައެވެ. ނިޒާމުއްދީން މި ހަޑިމުދާ އަމަލު ހިންގަމުން ދަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށާއި އަވަށުގެ މީހުންނަށް ފެނިގެން، އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީއެވެ.

މި މައްސަލައިގެ ތަހުގީގު ފެށުމާއެކު، އެ ސަރަހައްދުގެ އާންމުންގެ ފަރާތުން އޭނާއާ ބެހޭ ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މީގެ ކުރިންވެސް އޭނާއަކީ އެކި ފަހަރުމަތިން އެ ސަރަހައްދުގައި މިފަދަ ބަދުއަޚުލާގީ އަމަލުތައް ހިންގާފައިވާ މީހެއް ކަމަށާއި، އަދި ހަމައެހެންމެ، އެ ސަރަހައްދުގެ އަންހެނަކަށް ނިސްބަތްކޮށް ހަޑިހުތުރު އިޝާރާތްތަކެއްކޮށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުވެސް އާންމުން އޭނާގެ މައްޗަށް ކުރެއެވެ.

މި ހާދިސާގެ ޚަބަރު ފެތުރުމާއެކު، އެ ސަރަހައްދުގެ ހިންދޫ ޖަމިއްޔާތަކުގެ މެންބަރުން ވަނީ ނީލަމަންގަލާ ޓައުން ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބޮޑު އިހުތިޖާޖެއް ކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވަނީ، އާންމު ތަންތަނުގައި ޖަނަވާރުންނާ މެދު މިފަދަ ހަޑިމުދާ އަމަލުތައް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލަ ސީރިއަސްކޮށް ބަލައި، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު އޭނާއަށް ދިނުމަށެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު