އަލީ ހުސެއިން
އަލީ ހުސެއިން
ބޭހުގެ ބާވަތްތަކުން 2000 އިންސައްތައަށްވުރެ ބޮޑު ފައިދާއެއް ނަގަން ދޫކޮށްލައިގެން ސަރުކާރުން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން މިފަދައިން ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރާ ބައެއް އަމިއްލަ ފަރާތްތަކުން ބޭހުގެ އަގުން އިންތިހާއަށް ފައިދާ ނަގަމުންދާ ކަމަށާއި، އެއީ ބޭހުގެ ދާއިރާގައި އޮތް "މާފިއާއެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، ބޭހުގެ ބާވަތްތަކުން ބޮޑު ޕްރޮފިޓެއް ނަގަން ދޫކޮށްލައިގެން ދެ އަހަރާބައި ވަންދެން މި ސަރުކާރުން ތިބިކަމަށް ރައީސް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ދައުރުގެ ދެބައިވިއިރުވެސް ދައުލަތް ލޫޓުވުން ނުހުއްޓުވުނު ބަޔަކު އިތުރަށް ވެރިކަމުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަކީ ބައެއް ފަރާތްތަކުން ގަސްތުގައި އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ހާލުގައި ޖެއްސުމަށްޓަކައި ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް އަމިއްލަ ކުންފުނިތަކުން ބޭހުގެ އަގުން 2000 އިންސައްތައާ ގާތްކުރާ މިންވަރަށް ފައިދާ ނަގަމުންދެއެވެ. އަދި ސަރުކާރުން ބޭހުގެ އަގުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ބައެއް ފަރާތްތަކުން ގަސްތުގައި ބޭހުގެ ދަތިކަން ކުރިމަތިކުރުވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު