ކުރީގެ ޓޫރިޒަމް އަދި އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް
ކުރީގެ ޓޫރިޒަމް އަދި އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބުގެ މަގާމަށް، ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ސަލީމް ވަނީ، ޠާރިޤު އެ މަގާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޠާރިޤު އިބްރާހީމަކީ މި ސަރުކާރު އެކުލަވާލެވުނުއިރު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނަވަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ރައީސްގެ އެދިލެއްވުމަށް އޭނާ ވަނީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު، ސަރުކާރުން ވަނީ ޠާރިޤު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

އައިރީނާއަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މައި މަރުކަޒު ހުންނަނީ ޔޫއޭއީގެ އަބޫދާބީގައެވެ.

ޠާރިޤު އިބްރާހީމަކީ މީގެ ކުރިންވެސް ތިމާވެށީގެ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ، އަދި ރައީސް ޔާމީންގެ ސަރުކާރުގައިވެސް އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު