ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު
ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ދިޔާނާ މި މަގާމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި ހިނގާ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ. މި މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ދިޔާނާގެ ނަންފުޅު ދިރާސާކުރުމަށްފަހު، އޭނާއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ވޯޓަށް އެހުމުން، ދިޔާނާ ސަފީރުކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ ދިޔާނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައެވެ. މި ވޯޓުގައި ދިޔާނާ އައްޔަންކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ރައީސް މުއިއްޒު ވަނީ ދިޔާނާ ފޮރިން މިނިސްޓްރީގެ އެމްބަސަޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނު ބުނާގޮތުން، ރާއްޖެއިން ބޭރަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރާ ބޭފުޅަކީ އެމްބަސަޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ވާންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު