އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ނަސްލުނައްތާލުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި، އިންޑިއާއިން އިސްރާއީލަށް އަސްކަރީ ހަތިޔާރާއި ބާވަތްތައް ފޯރުކޮށްދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު އާ ރިޕޯޓެއްގައި ބުނެފިއެވެ.

"މޭޑް އިން އިންޑިއާ: ދަ ސަޕްލައި އޮފް ވެޕަންސް އެންޑް އެމިއުނިޝަން ޓު އިސްރާއީލް" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައިވާ ގޮތުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ހިންގާ ހަމަލާތަކުގައި ބޭނުންކުރުމުގެ ބޮޑު ނުރައްކަލެއް އޮތްއިރުވެސް އިންޑިއާއިން ވަނީ އިސްރާއީލަށް އަސްކަރީ ސާމާނު ފޮނުވުން ހުއްޓާލައިފައެއް ނުވެއެވެ.

އެމްނެސްޓީގެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާއިން އިސްރާއީލަށް އަސްކަރީ ހަތިޔާރާއި، އުންޑައާއި، އަދި އެކި ބައިތައް އެކުލެވޭ މަދުވެސް 2,596 ޝިޕްމަންޓް ފޮނުވާފައިވެއެވެ.

އޭގެ ތެރޭގައި ކުދި ހަތިޔާރުތަކުގެ 390,000 އަށްވުރެ ގިނަ ބައިތަކާއި، ގޮވާތަކެތީގެ 564,000 އަށްވުރެ ގިނަ ކޮމްޕޯނެންޓްސް (ޑްރޯން ވާހެޑްސް އާއި އާޓިލަރީ ޝެލްގެ ބައިތައް ހިމެނޭހެން) އާއި، އަދި އިސްރާއީލުގެ އަސްކަރީ އުޅަނދުފަހަރަށް ބޭނުންވާ 298 ކޮމްޕޯނެންޓް ހިމެނޭކަމަށް އެމްނެސްޓީން ހާމަކޮށްފައިވެއެވެ.

މި ސަޕްލައި ޗެއިންގައި އިންޑިއާ ސަރުކާރުގެ ހިއްސާ އޮންނަ އަދި ސަރުކާރުން ހިންގާ ކުންފުނިތައް، އޭގެ ތެރޭގައި "މުނިޝަންސް އިންޑިއާ ލިމިޓެޑް" ފަދަ ކުންފުނިތައް ހިމެނޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި މި ތަކެތި ލިބެމުންދާ ކުންފުނިތަކުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ސާމާނު ފޯރުކޮށްދޭ އެލްބިޓް ސިސްޓަމްސް، ރަފޭލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސް އަދި އިސްރާއީލް އޭރޯސްޕޭސް އިންޑަސްޓްރީޒް ހިމެނެއެވެ.

އެމްނެސްޓީން ބުނެފައިވަނީ އިންޑިއާގެ ހަތިޔާރު އެކްސްޕޯޓްކުރުމުގެ ނިޒާމުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އެކަށީގެންވާ އުސޫލުތަކާއި ޝަފާފުކަން ނެތް ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އަގްނެސް ކާލާމާޑް ވިދާޅުވީ ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ބޮޑެތި ޖަރީމާތައް މުޅި ދުނިޔެއަށް ފެންނަމުންދާއިރުވެސް، އިންޑިއާއިން އިސްރާއީލުގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ހާމަވެގެންދާ ކަމަށެވެ.

އަދި އިސްރާއީލަށް ހަތިޔާރާއި އުންޑަ ފޮނުވުން އިންޑިއާ ސަރުކާރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކުށްތަކަށް މަގުފަހިވާ ގޮތަށް އިންޑިއާގެ ކުންފުނިތަކުން އަމަލުނުކުރާކަން ސަރުކާރުން ކަށަވަރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އިސްރާއީލަށް ހަތިޔާރު ފޮނުވުމަށް ހުއްދަދިނުމަކީ ޖެނޮސައިޑް ކޮންވެންޝަނާއި ޖެނީވާ ކޮންވެންޝަންތަކުގެ ދަށުން އިންޑިއާއަށް މަތިކޮށްފައިވާ ބައިނަލްއަގުވާމީ އިލްތިޒާމްތަކާ ހިލާފުވުން ކަމަށްވެސް އެމްނެސްޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު