ވަޒީރު ރާފިއު އާއި ރައީސް މުޢިއްޒު | މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް
ވަޒީރު ރާފިއު އާއި ރައީސް މުޢިއްޒު | މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުން އިންތިޚާބުކުރާ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުއްﷲ ރާފިއު ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.

ވަޒީރު ރާފިއު މިކަން އިޢުލާން ކުރެއްވީ މީސްމީޑިއާ މެދުވެރިކޮށް މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަޒީރު ރާފިއު ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ފަރާތުން އިންތިޚާބުކުރާ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ޤަޞްދުކުރައްވާފައިވާ ކަމަށެވެ.

އަދި މި މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރެއްވުމުގައި މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާއީދަށް ނުހަނު އިޚުލާޞްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޢަބްދުއްﷲ ރާފިއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގައި ފާހަގަކޮށްލެވޭ ފުރިހަމަ ޚިދުމަތްތަކެއް ކުރައްވަމުން އަންނަ، ބޭފުޅެކެވެ.

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަޤާމަށް ވަޒީރު ރާފިއު ވާދަކުރައްވާނެކަން އިޢުލާން ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވެސް ވަނީ އެ މަޤާމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މިއީ އެޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު